ކުރާ ކަންތައްތަކުގައި އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ، އެކަމެއްގެ ފެންވަރާއި އޭގައި ހިމެނޭ އިޚްލާޞްތެރިކަން ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝައިޚް ޝިފާން މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
އެ ހަރަކާތުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޖޯޝާއި ރޫހު ވަރުގަދަކޮށް ހިފަހައްޓަންޖެހޭ ކަމަށާއި، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ސަރުކާރު ބަލިކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް، އެއީ ޢަދާލަތު ޕާޓީ ނުވަތަ ޖުމްހޫރީ ޕާޓީގެ މަދަދާއި އެހީތެރިކަން ހޯދައިގެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އެއްގޮތަކަށް ވެސް ދެކެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ބަދަލުތައް ގެންނަ ހަގީގީ ބާރަކީ އެމްޑީޕީގެ “ރީނދޫ ލަޝްކަރު” ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ:
“ދެން އޭގެ މަތީގައި އައިސިން ޖަހާލުމަށް ބައެއް ފަހަރަށް އަޅުގަނޑުމެން އެހެން ބައިމީހުން ގާތްކޮށްގެން އެބައުޅެން. ނަމަވެސް މައިގަނޑު މަސައްކަތް ހިންގަން ޖެހެނީ އެމްޑީޕީ އަށް.”
މި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ، ކޭކެއްގެ މަތީގައި ފަތުރާލެވިފައިވާ “އައިސިންގ” ފަށަލައަކީ ކޭކު ރީތިކޮށް، އޭގެ އަގުވެސް ބޮޑުކޮށްދޭ ވަރަށް ބޭނުންތެރި ބައެއް ކަމަށެވެ. އަދި އެ ފަށަލަ ނައްތާލުމުން ބާކީ އޮންނަ ބަޔަކީ ރަހައެއް ނެތް، ހިކިފައިވާ، އަދި ފަސޭހައިން ކުނޑިވެގެންދާ އެއްޗަކަށް ވާނަމަ، އެ ކެއުމަށް ޝައުގުވެރިވާނެ ބަޔަކު ވަރަށް މަދުވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން، ކޭކެއްގެ ހަގީގީ އަގު ބިނާވެފައިވަނީ އޭގެ ބޮޑުމިނަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ކާލަން މީރު، ޝައުގުވެރި އެއްޗަކަށް ވުމަކީ އޭގެ އަސްލު އަގު ވަޒަންކުރެވޭ މިންގަނޑު ކަމަށް ޝައިޚް ޝިފާން ވިދާޅުވިއެވެ.
އަދި ހަމަ އެފަދައިން، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް މުހިންމީ އެކަމެއްގެ ބޮޑުމިނެއް ނޫން ކަމަށާއި، އެންމެ އިސްކަމެއް ދޭންޖެހޭނީ އެކަމެއްގެ ފެންވަރަށާއި އޭގައި ހުންނަ އިޚްލާޞްތެރިކަމަށް ކަމަށް ވިދާޅުވެ ޝައިޚް ޝިފާން ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.