ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުތަކުގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވައިފިއެވެ.
މި ގަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 99/2) ގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރަށް ރިއާޔަތްކޮށް ނެރުއްވާފައިވާ ގަރާރެކެވެ. އެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ އާންމު މަންފާއަށް ނުވަތަ އިޖުތިމާއީ ސިޔާސަތުތަކުގެ ދަށުން ސަރުކާރުން ހިންގަން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތުން އިންވެސްޓްކުރަންޖެހޭ އެންމެ މަދު އަދަދު ކޮންމެ އަހަރަކު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހެއެވެ.
މި ގަރާރުގެ ޖަދުވަލުގައި، ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި އެ ކަންކަމަށް ހިނގާނެ އެންމެ މަދު އިންވެސްޓްމަންޓްތަކުގެ ތަފްސީލު ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ފަތުރުވެރިކަމާއި މަދަނީ އުދުހުންތައް: 5 މަޝްރޫއު (މަދުވެގެން ޖުމްލަ 25 މިލިއަން ޑޮލަރު)
-
ދާހިލީ ސަލާމަތް، ދިފާއީ ރައްކާތެރިކަން އަދި ފަންނިއްޔާތު: 5 މަޝްރޫއު (މަދުވެގެން ޖުމްލަ 155 މިލިއަން ޑޮލަރު)
-
ބިނާރާއި ގެދޮރުވެރިކަން އަދި އުމްރާނީ ތަރައްގީ: 4 މަޝްރޫއު (މަދުވެގެން ޖުމްލަ 10 މިލިއަން ޑޮލަރު)
-
ޒުވާނުން ބާރުވެރިކުރުވުމާއި ހަށިހެޔޮކަން: 1 މަޝްރޫއު (މަދުވެގެން ޖުމްލަ 20 މިލިއަން ޑޮލަރު)
-
މޫސުމީ ބަދަލުތަކާއި ތިމާވެށި: 4 މަޝްރޫއު (މަދުވެގެން ޖުމްލަ 17 މިލިއަން ޑޮލަރު)