700 އަށްވުރެ ގިނަ ބައިވެރިންނާއެކު ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 700 އަށްވުރެ ގިނަ މީހުންނާއެކު އިއްޔެ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ މި ދުވަސް، މިފަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔައިރު، މިއީ މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެގެން ރާއްޖޭގައި މި ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ. ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރި 12 ވަނަ ޔޯގާ ދުވަހުގެ މި އަހަރުގެ ޝިއާރަކީ “ޔޯގާ ފޯ ހެލްދީ އޭޖިން” އެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި މި ދުވަސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިފަހަރު ޔޯގާ ދުވަސް ފާހަގަކޮށްފައި މިވަނީ، ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭހެން ގިނަ ބަޔަކު އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ދަނޑަށް ވަދެގަނެ، ބައިވެރިންނަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. އެ މައްސަލާގައި ފިތުނަ އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ބައެއް ދީނީ އިލްމުވެރިންގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް، ފަހުން އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ !