ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުން ޝައިޚް ޙަސީނާ އިސްތިއުފާ ދެއްވައިފިއެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ކަނޑައަޅާފައިވާ ވަޒީފާގެ ކޯޓާއާ ދެކޮޅަށް ކޮލެޖް ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކޮށް ފިއްލަވާފައެވެ. ހަސީނާ ދިރިއުޅުއްވާ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަދެގަނެފައިވާ ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ހަސީނާ މިވަގުތު ހުންނެވީ ބަންގްލަދޭޝްގައި ނޫން ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ. ރިޕޯޓުތަކުން ބުނަނީ މިލިޓަރީ ހެލިކޮޕްޓަރެއްގައި އެކަމަނާ ފިއްލެވީ އިންޑިއާއަށް ކަމަށެވެ.
ބަންގްލަދޭޝްގައި ޔުނިވާސިޓީ ދަރިވަރުންނާއި އާންމުން މުޒާހަރާ ކުރަން ފެށީ ސިވިލް ސާވިސްގެ ވަޒީފާ އެ ގައުމުގެ ވަކި ބަޔަކަށް ރިޒާވްކޮށްފައި އޮންނަ އުސޫލު ބަދަލު ކުރާށެވެ.
ހަސީނާ ވަނީ ދަރިވަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނެރެ މަދުވެގެން 300 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. ހަސީނާއަށް ތާއީދު ކުރާ އެ ގައުމުގެ ގޭންގުތަކުން ވެސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ތެދުވެފަ އެވެ.
މިވަގުތު ވެސް މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ކަމަށްވެ އެވެ.
ހަސީނާ އިސްތިއުފާ ދެއްވުމުން އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ވާކިރުއްޒަމާން ވަނީ ހަމަނުޖެހުން މައިތިރިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ޕާޓީތަކާއެކު މިއަދު ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަނުޖެހުމުގައި މަރުވި އެންމެންގެ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެކަމުގެ ޔަގީންކަން ވެސް އަސްކަރިއްޔާގެ ވެރިޔާ އެ ގައުމުގެ ރައްޔިތުންނަށް ދެއްވި އެވެ.